މިއީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން، 2010 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ފޯރުކޮށްދޭ މާލީ އެހީއެކެވެ. މި އެހީގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދީ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ލިސްޓުގައި އެމީހަކު ރަޖިސްޓަރީކުރާ މަހުން ފެށިގެން އެ ލިސްޓުން އުނިކުރުމާ ހަމައަށް ކޮންމެ މީލާދީ މަހަކު މާލީ އެހީގެ ގޮތުގައި 2000 (ދެހާސް) ރުފިޔާ ލިބޭނެއެވެ.
ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ފޯރުކޮށްދޭ މާލީއެހީ އިތުރުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޫން 2023 ގައި ނިންމަވާފައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ އެންމެހާ ފަރާތްތަކަށް 2023 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އިތުރު އެލަވަންސްގެ ގޮތުގައި ފޯރުކޮށްދެވޭ 1000 ރުފިޔާއާއެކު ޖުމްލަ 3000 ރުފިޔާ ލިބިގެންދާނެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތްތަކަށް ރިޢާޔަތްކޮށް 65 އަހަރުން ދަށުގެ ފަރާތްތަކަށް އިތުރު އިނާޔަތްތަކުގެ ގޮތުގައި ތިރީގައިމިވާ އިނާޔަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.
*ނުކުޅެދުންތެރިކަން ހުންނަ ފަރާތަކީ އުމުރުން 18 އަހަރު ފުރި، ބޭންކް އެކައުންޓެއް ބެލެހެއްޓޭ ވަރުގެ ޤާބިލްކަން ލިބިފައިނުވާ ފަރާތެއްނަމަ އެފަރާތެއްގެ ބެލެނިވެރިޔާ / ބަލަދުވެރިޔާ / ނުކުޅެދުންތެރިކަން ހުންނަފަރާތާއެކު ހުޅުވާފައިވާ ޖޮއިންޓް އެކައުންޓްގެ ތަފްޞީލް
ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ކަނޑައަޅާފައިވަނީ، ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހާ ހުރަސްތަކާއި ހުރެ މުޖުތަމަޢުގެ އެހެން މީހުންނާ އެއް ހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 2010/8 ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ފޯރުކޮށްދެވޭނީ ތިރީގައިވާ ގިންތިތަކުންކުރެ ގިންތިއެއްގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެ މަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.
މީލާދީ ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފޯމުތައް ބަލައި ޝަރުޠު ހަމަވާނަމަ ފޯމު ހުށަހެޅި މަހުން ފެށިގެން އެލަވަންސް ހަމަޖެހި އެމަހެއްގައި ފައިސާ ޖަމާވާނެއެވެ. އަދި ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ފަހުން ހުށަހަޅާފޯމުތަކަށް ޝަރުޠު ހަމަވާނަމަ ޖެހިގެން އަންނަ މަހު އެލަވަންސް ހަމަޖެހިގެންދާނެއެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ލިސްޓުގައި އެމީހަކު ރަޖިސްޓަރީކުރާ މަހުން ފެށިގެން އެ ލިސްޓުން އުނިކުރުމާ ހަމައަށް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް އެލަވަންސް ޖަމާކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.