މި ޕްރޮގްރާމަކީ ޤާނޫނު ނަންބަރު 2014/2 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިން ބިކަވިޔަނުދީ މުޖްތަމަޢުގެ އެހެން ކުދިންނާ އެއްހަމައެއްގައި ދިރިއުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މާލީ އެހީގެ ޕްރޮގްރާމެކެވެ.
މި ޕްރޮގަރާމްގެ ދަށުން ޝަރުޠުހަމަވާ ކޮންމެ ކުއްޖަކަށް މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ 1000 ރުފިޔާއެވެ. އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މީލާދީ މަހެއްގެ ތެރޭގައި މާލީ އެހީގެ ގޮތުގައި ލިބިދެވޭނީ ގިނަވެގެން 10,000 ރުފިޔާއެވެ.
ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.
ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެ މަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.
އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ޙައްޤުވާކަމަށް އެޖެންސީއިން ކަނޑައަޅާ މަހުން ފެށިގެން މާލީ އެހީ ލިބޭނެއެވެ. މިގޮތުން އެހީ ލިބޭ ފަރާތަށް އެހީ ލިބޭނެކަން އަންގާ މަހާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެޖެންސީއިން އެހީދޭ މީހާގެ ބޭންކު އެކައުންޓަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.