ތަޢާރަފް
މި ކާޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ވީހާވެސް ލުއިފަސޭހަކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ދޫކުރަމުން އަންނަ ކާޑެކެވެ. 10 މާރިޗު 2019 އިން ފެށިގެން މި ކާޑު ތައްޔާރުކޮށް ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން މި އެޖެންސީ މެދުވެރިކޮށެވެ.
މިގޮތުން ޤާނޫނު ނަންބަރު 2010/8 ގެ ދަށުން މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް މި އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށް އެޖެންސީއަށް ހުށަހެޅުއްވުމުން، އެފަރާތްތަކަށް ދަނީ ކާޑު ދޫކުރަމުންނެވެ.
01 ޖަނަވަރީ 2019 އިން ފެށިގެން މާލީއެހީ ފޯރުކޮށްދިނުމަށް މިއެޖެންސީގައި ރަޖިސްޓްރީކުރެވޭ ފަރާތްތަކަށް އެހީގެ ޖަވާބާއި އެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ވަނީ ދޫކުރަން ފަށާފައެވެ. މި ފަރާތްތަކުން ފޯމު މެދުވެރިކޮށް ކާޑަށް އެދި ހުށަހަޅާކަށް ނުޖެހޭނެއެވެ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހަޅަންވާނެއެވެ.
- އެހީއަށް އެދޭ ފޯމު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުންނާއި، އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
- ފޯމު ހުށަހެޅުން:
- ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރ (މއ. ދޮންވެލި) / ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އަށް
- IGM ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ އެޖެންސީ ކައުންޓަރު / ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ރޭގަނޑު 9:00 އަށް
- އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
- އެޖެންސީގެ އީމެއިލް info@nspa.gov.mv ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް
ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.
މި ފޯމާއި އެކު އިތުރު ލިޔެކިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެމަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 3 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.