މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކާއި ގުޅިގެން، ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށްޓަކައި އެފަދަ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ޚަރަދު ހަމަޖައްސައި ދިނުމަށް 1 ޖަނަވަރީ 2019 އިން ފެށިގެން ތަޢާރަފް ކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ ނުކުޅެދުންތެރިކަމާއި އެނުކުޅެދުންތެރިކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް ބޭނުންވާ ޞިއްޙީ ފަރުވާތަކާއި އެނޫންވެސް ފަރުވާތައް ވީހާވެސް ހެޔޮ އަގެއްގައި، ފަސޭހަކަމާއެކު ލިބޭނެގޮތް މަގުފަހިކޮށްދިނުމެވެ.
ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާ ހޯދުމަށް އެހީ ފޯރުކޮށްދެވޭނީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މިއެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ.
އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.